ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ އުފުލާ ބޯޓުތައް އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުށި ސިޓީއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އަދި މެނޭޖްމަންޓްގެ ޓީމުން ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާއި އިއްޔެ ބައްދަލުކޮށްފިއެވެ.
އިންޑިއާއިން ކުޅުދުއްފުއްޓަށް މުދާ އުފުލާ ބޯޓުތަކުގެ ސީދާ ދަތުރުތައް ފެށުމަށް އެމްޕީއެލް އިން ތައްޔާރުވަމުންދާއިރު މިހާރު ވެސް އެކުންފުނިން އަންނަނީ އިންޑިއާއިން އައްޑޫސިޓީއަށް ޕެރިޝަބަލް އަދި ޖެނެރަލް މުދާ އެތެރެކުރަމުންނެވެ. އެގޮތުން އެސިޕްމަންޓުގެ ފުރަތަމަ ދަތުރުތައް ފަށައި އެތެރެކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގައެވެ. އެދަތުރުގައި 150 ޓަނުގެ މުދާ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫސިޓީއަށް އެތެރެކޮށްފައިވެއެވެ.
ކުރިން އިންޑިއާއިން ޕެރިޝަބަލް މުދާ ރާއްޖެއަށް އެތެރެކޮށްފައިވަނީ ލަކުޑި ބޯޓުފަހަރުގައެވެ. ނަމަވެސް އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިހާރު އެފަދަ މުދާ ރާއްޖެއަށް ގެންނަނީ ދަގަނޑު ބޯޓުފަހަރުގައެވެ.
އެމްޕީއެލް އިން ވަނީ ކުޅުދުއްފުށި ސިޓީގެ ސަރަހައްދީ ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެގޮތުން އެކުންފުނިން ބުނީ މިވީ 19 ވަރަކަށް އަހަރުތެރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް އެއްވެސް ތަރައްޤީއެއް އައިސްފައިނުވާ ކަމަށާއި އެތަން ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށެވެ. އެހެންނަމަވެސް އެބަނދަރަކީވެސް ފައިދާ ލިބޭނެ ތަނަކަށް ހެދުމަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.




