ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވާ އެތަނުގެ އައު އިމާރާތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް ހިސާބު ނިމުމާއެކު އެކޯޓުގެ މަސައްކަތްތައް ބާރަށް ހިނގާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ބޭނުންވާ އިމާރާތްތަކުގެ ކަންކަން އަންނަ އަހަރުގެ ހަމަޖެހިގެންދާން ފަށާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
”ސުޕްރީމް ކޯޓަށް ބޭނުންވާ ބިން މިދިޔަ ހަފުތާގެ ތެރޭގައި މާލެއިން ވަނީ ހަމަޖެހިފަ. ހަމައެއާ އެކު، އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާ އެކުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވެގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ، އާދޭސް ކުރަން ނުޖެހި، ސަލާން ޖަހަން ނުޖެހި އުޅެވޭގޮތް ހެދުން އެއީ ހަގީގީ އިޚުލާސްތެރި ވެރިކަން ކުރާނެ މީހުން ކަންކުރާނެ ގޮތް ކަމަށާއި އެ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ދާތަން މިސަރުކާރުގައި ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




