ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމުގެ އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސް އިން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ މި ނިޒާމުގެ އެންމެ ބާރުގަދަ ބޭފުޅުންނަކީ ނުވަތަ ފަރާތަކީ ރައްޔިތުން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް މި ނިޒާމުގެ ދަށުން ދީފައިވާ ބާރުވެރިކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ.
”ރައްޔިތެއް އޮވެގެންތާ ވެރިކަމެއް އޮންނާނީ. ދައުލަތެކޭ އަޅުގަނޑުމެން މިކިޔަނީ އެތަނެއްގައި އުޅޭ މީހުންނަށް. އެމީހުން ހަރުދަނާވި ވަރަކަށް ދައުލަތް ހަރުދަނާ ވާނީ“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ޢަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސަކީ ރައްޔިތުން ބާރުވެރި ކުރުވާ މިނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވުން ކަމަށެވެ.
އެ ޕްރޮގްރާމުގައި އިތުރަށް ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެއްކަމަކަށް މިހާރު ބައެއް ޚިދުމަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކެއް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




