އިޓަލީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމަކާއެކުވެސް ގާތް ގުޅުމެއް ބާއްވައި ޚާރިޖީ ގުޅުން ވަރުގަދަކުރެއްވުން ކަމަށާއި އެގޮތުން ބޭރުގެ ޤައުމުތަކުގައި އެމްބަސީތައް ހުޅުވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އިޓަލީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް މިހާރު ހުއްދަ ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ޤައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
“ މި ނިމިގެންދާ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ތުރުކީގައި އެމްބަސީއެއް ހުޅުވައިފިން. އަޅުގަނޑުމެންނަށް މިހާރު ހުއްދަ ލިބިފައި އެބައޮތް އިޓަލީވިލާތުގައި އެމްބަސީއެއް ހުޅުވަން. އަޅުގަނޑުމެން އެކަމަށް ހުށައަޅައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް މުހިންމު ވީމަ އެކަން ކުރަން ނިންމީ“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ވިޔަފާރީގެ ގޮތުން ރާއްޖެއަށް މުހިންމު ގައުމުތަކާ އެކީގައިވެސް (ބޭނުންތެރި ތަންތަނުގައި އަދި މި ޤައުމަށް ފައިދާހުރި ތަންތަނުގައި) އެމްބަސީތަކާއި ހައި ކޮމިޝަންތައް މި ސަރުކާރުގައި ހުޅުވާނެ ކަމަށެވެ.




