ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައިވާ ގޮތުގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ އިތުރު މެމްބަރަކާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ އިތުރު ދެ މެންބަރެއް މަގާމުން ވަކިކުރަން ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން، އޭސީސީގެ ނައިބު ރައީސް ސަލާމްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު އަދި އީސީގެ ނައިބު ރައީސް ނަޝާތުގެ އިތުރުން މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު ވެސް މަގާމުން ވަކިކުރުމަށް ވަނީ ހުށަހަޅާފައެވެ.
މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި މިމަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވާއިރު، މިމައްސަލަ އަކީ ހައްސާސް މައްސަލައެއްގެ ގޮތަށް ކަނޑައަޅައި، ކޮމިޓީގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.



