ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ނިމި މި މަހުގެ 16 ގައި ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިންވެގެން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވަން މިސަރުކާރުން ނިންމާފައި ވަނީ ހޮސްޕިޓަލު ބޭނުން ކުރަން ފަށާފައިވާތާ ފަސް އަހަރު ފަހުންނެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢުއްޒު ވަނީ މި މަހުގެ 16 ގައި ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާނެކަން އިއުލާން ކުރައްވައިފައެވެ.
”ދައުމަވަންތަ ހޮސްޕިޓަލް ހަގީގީ ހޮސްޕިޓަލަކަށް ހަދައި، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ފެސިލިޓީއެއް ގާއިމްކޮށްފައި ނޮވެމްބަރު 16 ގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުޅުވާނަން.“ އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހޮޅައެއް ކަމަށް ބައެއް ފަރާތްތަކުން ބުނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރު އެތަނުގެ ބޮޑުބަ އެއް އެއްވެސް ބޭނުމެއް ނުކޮށް ހުރުމުގެ ސަބަބުން މެޝިނަރީތައް ހަލާކުވެ، މަރާމާތައް ވަރަށް ބޮޑު ހޭދައެއް ވެސް ކުރަން ޖެހުނު ކަމަށެވެ.


