ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ރައްޔިތުންގެ ވޯޓަކަށްދާން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މިހާތަނަށް 40 ބިލެއް ފާސްކޮށްފައިވާ ކަމަށާއި މިހާރު ހިނގަމުންދާ ދައުރާއި ދެން އަންނަ ދައުރަށް ވަރަށް މުހިއްމު ބިލުތަކެއް މަޖިލިހަށް ފޮނުވާނެ ކަމަށެވެ.
ސިޔާސީ އޮއިވަރުގައި ޖެހިގެން ޖުމްހޫރީ ދުވަސް ވެސް ހަފުތާއެއް ކައްސާލާފައިވާ ކަމަށާއި މިހާރު ރައީސްއަކު ހުވާކުރަން ޖެހެނީ ނޮވެންބަރު 17 ގައި ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ގާނޫނު އޮންނަ ގޮތުން އެކަންކަމަކީ ރައީސް ނުވަތަ މެންބަރުން އަމިއްލަފުޅަށް ނިންމޭނެ ކަންކަން ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން، ރައްޔިތުން ރުހޭނަމަ ދައުރު ނިމޭ ދުވަސް 11 ނޮވެމްބަރު 2028 އަށް ބަަދަލުކުރައްވާނެ ކަމަށެވެ.
”ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ދައުރު ނިމޭ ދުވަސް 11 ނޮވެމްބަރު 2028 އަށް ބަދަލުކުރާނަން. ރައްޔިތުން ބޭނުންނަމަ ގާނޫނަށް ގެންނަ ބަދަލެއް ގެނެސްގެން އެގޮތަށް ބަދަލުކުރާނަން“ ރައީސް ވިދާޅުވިއެވެ.
އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދޭތެރޭގައި ހޭދަވާނީ ދެތިން މަސް ދުވަސްކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކީ ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.



