ސަރުކާރު ބަދަލުވިއިރު ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާއިން 3.7 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނުލިބިހުރި ފައިސާ ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށާއި އެގޮތުން ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް ތަންފީޒީ ދާއިރާތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.
”ސަރުކާރަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ކުރީ ދުވަސްތަކުގައި ނުހޯދާ ފަސޭހަކޮށްލާފަ ހުރި 3.7 ބިލިއަން ރުފިޔާ. ރައްޔިތުންގެ ފައިސާ ހޯދާފަ ރައްޔިތުންގެ އެކައުންޓަށް ވައްދައިފިން.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން ނަގަން ޖެހޭ ދަރަނި މަދުވެފައިވާ ކަމަށެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފައާއެކު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަބްސިޑީ އާއި އާސަންދަ އާއި ޕެންޝަން ނިޒާމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ މުހިންމު އިސްލާހުތަކެއް ވެސް ހިމަނާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



