ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެރިކަމާއި ގުޅޭގޮތުން ބައްޕާފުޅު ޝައިޚް ހުސެއިން އަބްދުއްރަޙްމާންގެ ބަސްކޮޅެއް ހިއްސާކުރައްވާ ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނު ހިއްސާކުރެއްވި ބައްޕާފުޅުގެ ބަސްކޮޅުގައި ވަނީ ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓާ ޤާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާއެއް އުފުލާ ވެރިކަމެއް ކަމަށާއި އެއީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.
ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަލުން އަނެއްކާވެސް ރަސްކަމަށްކަށް ބަދަލުވުމަށްފަހު، 14 އަހަރު ފަހުން ރަސްކަންނިމި ރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަސް ކަމަށްވަ 11 ނޮވެމްބަރު 1968 ގައެވެ.



