މޫސުމީ ބަދަލުތަކާ ދެކޮޅަށް އަދި ކާނާގެ ރައްކާތެރިކަމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފިއެވެ.
އޭޑީބީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ދިނުމަށް ނިންމައިފައިވާ 21 މިލިއަން ޑޮލަރުގެ ތެރެއިން ހަތަރު މިލިއަން ޑޮލަރަކީ ލުއި ލޯނެކެވެ. އަދި 17.95 މިލިއަން ޑޮލަރަކީ އެންމެ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން ދޭ ފައިސާ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
އެ ފައިސާގެ އެހީގައި އައްޑޫ ސިޓީ އަދި ހއ. އަތޮޅުގައި ކްލައިމެޓް ސްމާޓް އާބަން ފާމިން ޓެކްނޮލޮޖީ ތައާރަފުކޮށް ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ދިރާސާ ކުރެވޭނެ މަލްޓިޕާޕަސް ފެލިޓީއެއް ވެސް ބިނާކުރުމުގެ މަސައްކަތް ކުރާނެ އޭޑީބީން ބުނެފައިވެއެވެ.
މީގެއިތުރުން، މި ފައިސާގެ އެހީގައި އައްޑޫ އާއި މާލޭގެ ހުންނަ މޫސުމީ މައުލޫމާތު ދެނެގަތުމަށް ބޭނުންކުރާ އާލީ ވާނިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއިއެކު، ކުޅުދުއްފުށި ސިޓީގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީގައި ފެން ހިންދާ ނިޒާމަކާއި ފިލްޓަރޭޝަން ނިޒާމަކާއި އެ ސިޓީގެ ކަނޑޫފާ ސަރަހައްދު އަލުން އާލާކޮށް، ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭޑީބީން ވަނީ ބުނެފައިވެއެވެ.




