ފަލަސްތީނުގެ ރައްޔިތުންނަށް ހައްލު ހޯދައިދިނުމަށް ޓަކައި، ސައުދީ އަރަބިއްޔާގެ ލީޑާޝިޕްގެ ދަށުން މުޅި އިސްލާމީ އުންމަތް އެކުވެ، މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީގެ ވެރިރަށް، ރިޔާދުގައި ކުރިއަށްދާ އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަމިޓަކީ މި ވަގުތާ ވަރަށް މުނާސަބު ސަމިޓެއްކަމަށާއި ފަލަސްތީނުގެ ޙައްގުގައި އިސްލާމީ އުންމަތުން ކުރާ މަސައްކަތުގައި ސައުދީން ނެގި އިސްނެގުމަކީ މުޅި އުންމަތަށް ލިބުނު އުންމީދެއް ކަމަށެވެ.
”މަނިކުފާނުގެ ރަސްކަމުގައި، ސައުދީން ވަނީ އިސްލާމީ ގައުމުތައް ބަދަހިކޮށްދޭ އަސާސްތަކުގެ ތެރެއިން ގައުުމުތަކުގެ މެދުގައި އެއްބަވައިންތަކަން ގާއިމްކޮށްދެއްވައިފައި. އިސްލާމީ ދުނިޔޭގެ ލީޑަރުގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ގެންގުޅޭ ދުރު ވިސްނުމާއި، ހިކުމަތްތެރިކަމާއި ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއް،“ ރައީސް ވިދާޅުވިއެވެ.
ސައުދީއިން ފަލަސްތީން – އިސްރާއިލް މައްސަލައިގައި ދެ ދައުލަތް ގާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން ހައްލެއް ހޯދުމަށް އިސްލާމީ ގައުމުތައް އެއް ގަލަކަށް އެރުވުމަށް ކުރާ މަސައްކަތަށް ތައުރީފް ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެއީ، އިންސާފު ހޯދައިދިނުމުގެ އަޒުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދައުލަތެއް ކަށަވަރުކޮށްދޭން ސައުދީން ކުރާ މަސައްކަތް ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.
ކޮންމެ ބައްދަލުވުމެއްގައި ވެސް އިވޭ އަޑަކީ އިތުރަށް ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަތުމާއި، ގަތުލުއާންމު ހިންގާއިރު ”ދެން އިތުރަށް ކެތްނުކުރާނެ“ކަމަށް ބުނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ހަމައެކަނި ފާއިތުވި 13 މަސްދުވަސް ތެރޭ އެކަނި ނޫންކަމަށާއި އެތައް އަހަރެއް ވީއިރު ވެސް އިވެނީ ހަމައެކަނި އެ ބުނުމުގެ އަޑުކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އިޒްރާއިލުގެ ގަދަބާރުން ވެރިވެ ގަތުމުގެ ސިޔާސަތާއި އަނިޔާވެރި ގަތުލުއާންމުގެ ތެރެއިން ތަސައްވުރުކުރަން ވެސް ދަތި އަދަދަކަށް މީހުން މަރުވެ، ގެއްލުން ލިބިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ސައުދީން އިސްނަގައިގެން މިސަމިޓު އިންތިޒާމުކުރުމުގައި ކުރެއްވި މަސައްކަތް ފާހަގަކަކުރައްވައި ރައީސް ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފައެވެ.



