އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލު އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލު ރައްޔިތުންގެ މަޖިލިހަށް މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އަދި މި ބިލު މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މި ބިލާ ގުޅޭގޮތުން މިއަދު އެ ކޮމިޓީގެ ފަރާތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވީ، މި އިސްލާހާއި ގުޅޭގޮތުން މަޝްްވަރާ ކުރަން ޖެހޭ ވަރަށް ގިނަ މުވައްސަސާތައް ހުރި ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 1 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިޔުމާއި، ބަޖެޓުގެ ކަންކަންވެސް އޮތުމާއެކު މި މައްސަލަ ނިންމުމުގެ ސުންގަޑިއަކީ 2025ގެ ފެބްރުއަރީގެ ނިޔަލަށް ހެދުމަށް ފާސް ކުރުމަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މިއީ ވަރަށް ހައްްސާސް މައްސަލައަކަށްވާއިރު، މިތާ ހަމަ ތިބެލާފައި މަދު މެންބަރުން ކޮޅެއް ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިކަމާއި ބެހޭ ގޮތުން ގިނަފަރާތްތަކާއި މަޝްވަރާކޮށް ދެކޭ ގޮތް ބަލަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި، އެންޖީއޯ، އައިޖީއޯ އަދި އެހެނިހެންވެސް ކަމުވޮށިގެންވާ ހުރިހާ ފަރާތްތަކަކާއި މަޝްވަރާ ކުރަން ޖެހޭ ކަަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ފެބްރުއަރީގެ ނިޔަލަށް މި ބިލްގެ ސުންގަޑި ކަނޑައަޅަން މިއަދުގެ ކޮމެޓީގައި ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.




