ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ”މަގޭ ސޯލާ ޕްރޮގްރާމު“ ގެ ދަށުން ގޭބިސީތަކުގައި 7 ކިލޯވޮޓުގެ ސޯލަރ ސިސްޓަމްތައް ހަރުކޮށްދޭން އެދޭވޭގޮތަށް އަންނަ އަހަރު އިޢުލާންކުރާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން މިވަގުތު ހުޅުވާލާފައިވަނީ 3 ކިލޯވޮޓާއި 5 ކިލޯވޮޓުގެ ސޯލާ ސިސްޓަމް ހަރުކޮށްދޭން އެދުމުގެ ފުރުޞަތަށެވެ. މިގޮތުން މި ސިސްޓަމްތައް 748 ގޭބިސީއެއްގައި ސޯލާސިސްޓަމް ހަރުކޮށްދޭން ހަމަޖެހިފައިވެއެވެ.
ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ މިހާރު ދެ އަދަދެއްގެ ކިލޯވޮޓުގެ ސޯލަރ ހަރުކޮށްދޭން އެދުމަށް ގޭބިސީތިކަށް ހުޅުވާލާފައިވާ ކަމަށެވެ އަދި މި އަންނަ އަހަރު 7 ކިލޯވޮޓުގެ ސިސްޓަމްތަކަށް އެދުމަށް ހުޅުވާލެވޭނެ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެއަށްވުރެ އިތުރު ކިލޯވޮޓުގެ ސިސްޓަމްތަކަށް އެދުމުގެ ފުރުސަތު ހުޅުވައިލެވޭނެކަމަށް ވެސް ސްޓޭޓް މިނިސްޓަރ މުއާވިޔަތު ވިދާޅުވެފައިވެއެވެ.
”ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން 68 އަށް މެގަވޮޓަށް ހަމައެކަނި މިއަހަރުގެ ތެރޭގައި އިތުރުވެފައިވޭ. މިއީ %2 ގެ އިތުރުވުމެއް. އެހެންކަމުން މިހާރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތަކީ %6“ ސްޓޭޓް މިނިސްޓަރ މުއާވިޔަތު ވިދާޅުވިއެވެ.
ސަރުކާރުން ފަށާފައިވާ ”މަގޭ ސޯލާ ޕްރޮގްރާމް“ ފަށާފައިވަނީ އާންމު ރައްޔިތުން ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމުގެ މަޤަސަދުގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.




