ހުޅުމާލެ ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއް ޓާޝިއަރީ ފެންވަރަށް ގެންގޮސް އެ ހޮސްޕިޓަލު ޓާޝިއަރީ ހޮސްޕިޓަލަކަށް އަންނަ ހަފްތާގައި ބަދަލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ހުޅުމާލެއަކީ ވަރަށްގިނަ ރައްޔިތުން އުޅޭ ތަނަކަށްވާއިރު ހުޅުމާލޭ ހޮސްޕިޓަލުން ޓާޝިއަރީ ފެންވަރަށް ޚިދުމަތެއް އެތަނުން ނުދެވޭ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، މި މަހު 16 ނޫނީވިއްޔާ 15، މި ދެ ދުވަހުންކުރެ އެއް ދުވަހެއްގައި (އަޅުގަނޑަށް ސީދާ ތާރީޚު ޔަޤީންކޮށް ދަންނަވާކަށް ނޭނގެ) ޔަޤީނުންވެސް އެންމެ ލަސްވެގެން 16 ގައި، ހުޅުމާލޭގެ ހޮސްޕިޓަލްވެސް މި ދެންނެވި ގޮތަށް ހުރިހާ ފެންވަރެއް، ހުރިހާ ޚިދުމަތެއް ޓާޝިއަރީ ފެންވަރަށް ގެނެސްފައި، ހުޅުމާލެ ހޮސްޕިޓަލްވެސް ޓާޝިއަރީ ހޮސްޕިޓަލަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ރައީސް މުޢިއްޒު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް ހުރިހާ ފެސިލިޓީއެއް ގާއިމުކޮށް މިމަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައެވެ.


