އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޫޓާންގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ކޮޕް 29 ސަމިޓާ ގުޅޭގޮތުން ދެބޭފުޅުންގެ ހިޔާލު ހިއްސާ ކުރައްވާ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒުވަނީ ރާއްޖެއާއި ބޫޓާންއަކީ ޖިއޮގްރަފިކަލީ ގޮތުން ތަފާތު ދެ ޤައުމު ކަމުގައިވިޔަސް ދެ ޤައުމުގެ ދެމެދުގައި އޮތް އެއްކަހަލަ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދެ ޤައުމަށްވެސް އެއްކަހަލަ މޫސުމީ ބަދަލުތަކެއް ކުރިމަތިވާ ކަމަށާއި ކަނޑުގެ ލޮނުގަނޑު ބޮޑުވަމުން އަންނަކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ބޫޓާންއަކީ އެންމެ ފުރަތަމަ ކާބަން-ނެގަޓިވް ޤައުމުގެ ގޮތުގައި މުޅި ދުނިޔެއިން ވެސް ފާހަގަ ކޮށްފައިވާ ޤައުމު ކަމަށްވާތީ އެކަމަށްޓަކައި ރައީސް މުޢިއްޒު ވަނީ އެޤައުމުގެ ބޮޑުވަޒީރަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ބޫޓާނުން މޫސުމީ ބަދަލުތަކަށް އަމިއްލައަށް އިސްނަގައިގެން ނެގި ވަރަށް ރަނގަޅު ފިޔަވަޅެއްކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް މުޢިއްޒު ރާއްޖޭގައި ވެރިކަން ހިންގަވާގޮތަށް ތަޢުރީފުކޮށް މޫސުމީ ބަދަލުތަކަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ވެސް ފާހަގަކުރައްވާ ބޫޓާންގެ ބޮޑުވަޒީރު ޓޮބްގޭ ވަނީ ރާއްޖެއާއެކު އެކަމުގައި މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ހުރިކަން ފާޅުކުރައްވާފައެވެ.




