ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއް ތެރޭގައި މީހަކު ރަހީނުކޮށް ހިފަހައްޓައި، އޭނާއަށް އަނިޔާކޮށް ބިރުދެއްކި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އޮކިޑުމާ ހިނގުމުގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އެމީހާއަށް އަނިޔާކޮށް، ބިރުދައްކާ އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން އަމުރުކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މާލެ ދަފްތަރު ނަންބަރު އާރް.އެސް 9022 / ތޮލާލް މޫސާ (37އ.) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ވަނީ ރަހީނު ކުރުމުގެ މައްސަލައެއް ފެންމަތިވެފައެވެ.
އެގޮތުން ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓު ޓަވަރު އެޗް9 ގައި ހިނގި މިހާދިސާއާ ގުޅިގެން ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށް ރަހީނު ކުރި މީހާ ސަލާމަތް ކޮށްފައެވެ. ނަމަވެސް އެމީހާ ސަލާމަތް ކުރިއިރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލާފައިވާ ކަމަށާއި އިނގިލިތައް ވެސް ހުރީ ބުރިކުރަން ތައްޔާރުކޮށްފައެވެ.



