އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކުރި ހަލީމަތު ލަމްހާ ޢަބްދުއްރަހްމާން ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިމައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ ދައުލަތުގެ ގިނަ ހެކިންތަކެއްގެ ހެކިބަސް ނެގިފައިވާތީ އާއި ބާކީ ތިބި ހެކިންނަކީ ބަންދުން ދޫކޮށްލިޔަސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަ ހެކިތަކަކަށް ވާތީ ލަމްހާ ދޫކޮށްލުމަށް ނިންމެވީ ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ މިއަދު ދޫކޮށްލަން ކޯޓުން އަމުރު ކުރިކަމުގައި ވިޔަސް، އޭނާ ދޫކޮށްލަން ނިންމާފައިވަނީ ޝަރުތުތަކަކާއެކުގައެވެ.
އެއީ:
- ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި
- ގާނޫނާ ހިލާފު އަމަލެއް ނުކުރުމަށާއި
- ކޯޓަށް ގަޑިއަށް ހާޒިރުވުމަށާއި
- ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި
- މައްސަލައިގެ ހެކިންނާއި މޭރީގެ އާއިލާއާ ބައްދަލު ނުކުރުމަށާއި، އަދި
- ވަކި ގަޑިތަކެއްގައި ގޭގައި ހުރުމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސް އެވެ. މި ދެމީހުން ހައްޔަރު ކުރީ 19 އޮކްޓޫބަރު 2021 ދުވަހު، ދުރާލައި ރާވައިގެން، މާރވިންގެ އަންހެނުން، (ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ) މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރައިލައިފައިވާ ކަމުގެ ތުހުމަތުގައެވެ.
މިމައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ:
- ދަޢުވާ 1: އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން.
ސަބަބު: ޙަލީމަތު ލަމްޙާ ޢަބްދުއްރަހްމާން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މާރވިން އެސް.ވައި ވާރގަސްގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރައިލުމުގައި އެހީތެރިވެދީފައި ވާތީއާއި، މޭރީ މަރައިލާން ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރައިލުމުގެ ޢަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައި ވާތީ.
މި ކުށުގެ އަސާސީ އަދަބަކީ 6 އަހަރަށް ޖަލަށްލުމެވެ.
- ދަޢުވާ 2: އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާ
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން.
ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން މީނާ ނަގައިފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ.
މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
- ދަޢުވާ 3: ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 613 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން.
ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެ ގޭގައި ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ.
މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.




