އެންމެ މުއްސަނދިން އަންނަ އަހަރުން ފެށިގެން އާސަންދަ ނިޒާމަށް ވަކި އަދަދެއް ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅައިފިއެވެ.
ސަރުކާރުން މިފަދައިން ނިންމާފައިވަނީ އާސަންދަ ނިޒާމަށް ދައުކަތުން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުންނެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި، އާސަންދައަށް ކުރާ ހޭދަ ކުދަކުރުމަށްޓަކައި މުހިންމު ދެ ބަދަލެއް އަންނަ އޭޕްރިލް މަހުން ފެށިގެން ގެނައުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން މިބަދަލު ގެނައުމަށް އާސަންދައަށް ކުރާ ހޭދައިގެ ތެރެއިން 600 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއް ކުޑަވާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެއެވެ.
އާސަންދަ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރޭގައި 60،000ރ. އަށް ވުރެ ބޮޑު އާމްދަނީ ލިބޭ، އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން ވަކި އަދަދެއް ނަގަން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެންމެ މުއްސަދިންގެ އަތުން ފާމަސީތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުން ހޯދާ ބައެއް ސިއްހީ ހިދުމަތްތަކަށް ވެސް ކޯ-ޕޭ ނިޒާމެއް ތައާރަފް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.



