މި ހިނގާ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް މަނާކުރާގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޤާނޫނަށް އިސްލާހު ގެނެސް ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.
ރައްޖޭގައި ވޭޕް މަނާކުރުމަށް ހުށަހަޅާފައިވާ ބިލު މިއަދު ފާސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ވޯޓުންނެވެ. އެގޮތުން މަޖިލިހުން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން އީ-ސިނގިރޭޓްފަދަ ވޭޕްކުރަން ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވާނެއެވެ. އަދި އެފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެތެރެކުރާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެކަމަށް ވެސް ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.
މީގެއިތުރުން ވޭޕް ކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ރާއްޖެއަށް އެތެރެކޮށް ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރަން ވެސް މިއަދު ފާސްކުރި ބިލުގައިވެއެވެ. އަދި އެފަދަ އާލާތެއް ހިލޭ ބަހައިފިނަމަ އެފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ވޭޕުގެ އެއްވެސް ބާވަތެއް ބޭނުންކޮށްފި މީހަކު 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިގެނައި އިސްލާހުގައިވެއެވެ.
ރާއްޖޭގައި ވޭޕް ކުރުމާއި ވިއްކުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ކުޑަކުދިން އެތަކެތި ބޭނުން ކުރުމެވެ. އެހެންކަމުން ކުޑަކުއްޖަކަށް އޭގެ އެއްވެސް އާލާތެއް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާއިން އެފަރާތެއް ޖޫރިމަނާ ކުރުމަށް ވެސް އިސްލާހު ކުރެވުނު ޤާނޫނުގައިވެއެވެ.



