އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މުސްކުޅިންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތް ލިބޭނީ ފޯރުންތެރިކަމަށް ބަލައި، އެންމެ މަދުން އާމްދަނީ ލިބޭ 65 އަހަރުންމަތީ މީހުންނަށް އެކަނި ކަމަށް ސަރުކާރުން ނިންމައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓު ފޮތުގައި ސަރުކާރުގެ ފަރާތުން ބަޔާންކޮށްފައިވަނީ އުމުރުން 65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް ދައުުލަތުން ދޭ ބޭސިކް ޕެންޝަން އިނާޔާތް، އޭޕްރިލް 2025 އިން ފެށިގެން ފޯރުންތެރިކަމަށް ބަލައި، އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް އެކަނި ދެވޭ އިނާޔަތަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިއަދު ”ދައުލަތުގެ ބަޖެޓު ޕޮޒިޝަން 2025“ ގެ ނަމުގައި މިއަދު ގެޒެޓު ކުރި އެފޮތުގައި ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން ޕެންޝަންގެ ގޮތުގައި ކުރާ ހަރަދުތައް ހިފެހެއްޓުމަށްޓަކައި ތަފާތު އިސްލާހުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިގޮތުން ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގައި ހިމެނޭ ޕެންޝަން ފްރޭމްވޯކް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މުއައްސަސާތަކުގެ މެދުގައި ދެމުންދާ އިނާޔާތްތަކުގައި ހުރި ފަރަގުތައް ނައްތާލައި އެއް ހަމަ އުސޫލެއްގެ ދަށުން މި އިނާޔަތް ދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އެފޮތުގައި ބުނެފައި ވެއެވެ.
އެފޮތުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުން ގެންނަން ނިންމި މިބަދަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށްދޭ ”ޔުނިވަރސަލް ބޭސިކް ޕެންޝަން“ ބަދަލުވެގެންދާނީ ”ޓާގެޓެޑް“ ޕެންޝަން ސްކީމަކަށެވެ.




