ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލުން ފަގީރު ގޭބިސީތަކަށް ކުރާނެ އަސަރު ކުޑަކުރަން އެފަދަ ގޭބިސީތަކަށް މަހަކު 2،450 ރުފިޔާ ކޭޝް ޓްރާންސްފާގެ ގޮތުގައި ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.
ސަރުކާރުން އަންނަނީ ކާޑާއި ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ތަކެއްޗާ އަދި ހިދުމަތްތަކުގެ އަގުހެޔޮކޮށް، އެއްވަރެއްގައި ބެހެއްޓުމަށް އިންޑައިރެކްޓް ސަބްސިޑީ ދެމުންނެވެ. މިހާރު އެ ސަބްސިޑީތައް ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކޮންޓްރޯލް އަގުތަކެއްގައި މި ތަކެތި ފޯރުކޮށްދިނުމުން އެ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ދޭ ސަބްސިޑީއެއްގެ ގޮތުގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެގޮތަށް އިންޑައިރެކްޓް ސަބްސިޑީ ދިނުމަކީ އޭގެ ބޭނުން ޖެހިފައިވާ މީހުންނެކޭ އެއްފަދައިން ފުދުންތެރި ގޭބީސީތަކާއި ފަތުރުވެރިންގެ އިތުރުން ހުރިހާ ވިޔަފާރިތަކަށް ވެސް ދައުލަތުން ދޭ އެހީތެރިކަން ބެހިގެންދާ އުސޫލެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިއަދު ”ދައުލަތުގެ ބަޖެޓު ޕޮޒިޝަން 2025“ ގެ ނަމުގައި މިއަދު ގެޒެޓު ކުރި ފޮތުގައި ބުނެފައިވަނީ މުއްސަނދި ގޭބީސީތަކަކީ ނިސްބަތުން ގިނައިން މުދަލާއި ހިދުމަތްތަކަށް ހަރަދުކުރާ ބައެއް ކަމަށް ވުމުން، ސަބްސިޑީގެ ފައިދާ އެންމެ ބޮޑަށް ލިބެނީ ވެސް މުއްސަނދި ގޭބީސީތަކަށް ކަމަށެވެ. އަދި ސަބްސިޑީތަކުގެ 43.0 އިންސައްތަ ބެހިގެން ދަނީ އެންމެ މުއްސަނދި ގޭބީސީތަކުގެ 40 އިންސައްތަ ގޭބީސީތަކަށް ކަމަށް ވެސް ސަރުކާރުން އެފޮތުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، ސަބްސިޑީގެ އާ ސިޔާސަތު އެކުލަވާލާފައި ވަނީ އެ ސިޔާސަތު މުރާޖައާ ކުރުމުން އެންމެ ފަގީރު ގޭބީސީތަކަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތަށް ކަމުގައި ފިނޭންސް މިނިސްޓްރީން އެކުލަވާލި އެ ފޮތުގައި ބުނެފައިވެއެވެ.
އެގޮތުން އެންމެ ފަގީރު 20 އިންސައްތައިގައި ހިމެނޭ ގޭބީސީތަކުގެ ހަރަދު މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 1،770 ރުފިޔާއިން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެނު ނަމަވެސް، ކޭޝް ޓްރާންސްފާގެ ގޮތުގައި މި ގޭބީސީތަކަށް މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 2،450 ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމުގައި ސަރުކާރުން ބުންޏެވެ.




