ފުލުހުންގެ ވެލްފެއާގެ ނިޒާމު އުވާލަން ނިންމާފައި ނުވާކަމަށް ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.
ސިފައިންނާއި ފުލުހުން އަދި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް މިހާރު ފޯރުކޮށްދެމުން އަންނަ ވަކި ލިމިޓެއް ނެތް މެޑިކަލް ސްކީމް އުވާލުމަށްފަހު ޕްރައިވެޓް އިންޝްއަރެންސެއް ފޯރުކޮށްދޭން ސަރުކާރުން ނިންމުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ފުލުހުންގެ ވެލްފެއާގެ ނިޒާމު އުވާލަން ނިންމާފައި ނުވާ ކަމަށެވެ.
ޝިފާން އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުލުހުންގެ މެޑިކަލް ސްކީމް ރިވިއުކުރަނީ އިސްރާފު ކުޑަކުރަން ކަމަށާއި، އޭގެ ސަބަބުން މިހާރު ލިބޭ އެއްވެސް ޚިދުމަތަކަށް ނުވަތަ އެލަވަންސަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
މީގެއިތުރުން، މިހާރު ދޭ އެއްވެސް އެލަވަންސެއް މި ސްކީމް ރިވިއުކުރާއިރު އުނިކުރުމުގެ އެއްވެސް ވިސްނުމެއް ފުލުހުންގެ މިހާރުގެ ލީޑާޝިޕްގެ ނެތް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’ސަން އޮންލައިން‘ އިން ޝިފާން އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންގެ ގާނޫނުގައި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، ބޭސްފަރުވާއަށް ކުރަންޖެހޭ ހުރިހާކަމެއް މިހާރު އޮންނަ އުސޫލުން ކުރިއަށް ގެންދާނެއެވެ. އަދި މީގެ ސަބަބުން ބޭސްފަރުވާއަށް އެއްވެސް އުނިއިތުރުކަމެއް ނާންނާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
”އޭގެ މާނައަކީ ބޭސްކޮށްދޭން ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ހަމަ މިހާރު އޮންނަ އުސޫލުން ކުރިއަށް ގެންދާނޭ. އެ ކަމަށް އެއްވެސް އުނި އިތުރެއް ނާންނާނޭ،“ ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ މެޑިކަލް ސްކީމް ރިސްޓްރަކްޗާކުރުމުގެ ބޭނުމަކީ ސްކީމަށް ޒިންމާދާރުވެ، އޭގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ހިފޭކަން ކަށަވަރުކޮށް ފުލުހުންގެ ޚިދުމަތުގައި އުޅޭ މުވައްޒަފުންނާއި އޮފިސަރުންނަށް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ނަހަމަ ގޮތުގައި އެ ސްކީމު ބޭނުންކުރުން ހުއްޓުވޭނެކަމަށް ވެސް ޝިފާން އިތުރަށް ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ”ދައުލަތުގެ ބެޖެޓު ޕޮރިޝަން ރިޕޯޓް 2025“ ގައި ބަޔާންކޮށްފައިވާ ގޮތުގައި ސިއްހީ ނިޒާމު މިހާރު ބައްޓަން ވެފައި އޮތްގޮތުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެބައޮތެވެ.




