ހުޅުމާލޭގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައިގެން އަނިޔާކުރި މައްސަލައިގައި އިތުރު ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތަލާލް މުސާ (37އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި، އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރުމުންނެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން އިތުރު ހަތަރު މީހަކު ހައްޔަރު ކުރުމަށްފަހު، އެމީހުން ވަނަވަރު އާއްމޮށް ފުލުހުން ބުނެފައި ވަނީ ތަލާލް މޫސާއާއި އެކީ ސީނުން އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34އ)، މާލެ، ގ. ކަޅަގާރިމާނގެ، ހުސެއިން ހައިކަލް ނިޔާޒް (23އ)، ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36އ) ގެ އިތުރުން ހުޅުމާލޭ ފްލެޓް ނަންބަރު. 04-1-71، އަހުމަދު ރިޝްފާން (26އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެންމެން ވެސް 7 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



