ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް 2 ގައި އިތުރު މަގުބައްތި ހަރުކޮށްފިއެވެ.
ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލާ ހުރުމުން މީގެކުރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ.
އެގޮތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) މިދިޔަ މަހު ކުރީކޮޅު މީސްމީޑިއާގައި ވިދާޅުވީ އެޗްޑީސީ އަކީ ”މަތިބަރު“ ކުންފުންޏެއް ކަމަށެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ އާންމުންގެ މީހަކު ކޮށްފައިވާ ސުވާލެއް ވެސް ހުސެންބެ ހިއްސާ ކޮށްފައިވެއެވެ.
ހުސެންބެގެ ޕޯސްޓަށް ރައްދު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލު ކުރަން ވާނެ ކަމަށެވެ.
”ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ސަރަހައްދުގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރު ކުރެވިފައިވޭ. މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޯގަސްޓު 2024 ގެ ނިޔަލަށް ނިމިފައިވާއިރު، މަގުބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން“ އެޗްޑީސީގެ އެމްޑީ އެއިރު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެޗްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކުންފުނީގެ ޓީމުން ފޭސް2ގައި އިތުރު މަގު ބައްތިތައް ހަރުކޮށް ބޮޑު ސަރަހައްދެއް އަލިކޮށްލައިފި ކަމަށެވެ.



