މޫސުމަށް އަންނަ ބަދަލުތަކުގެ ޙަޤީޤީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ކްލައިމެޓް ފައިނޭންސިންގްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް އެހީ ބޭނުން ވަނީ ބިލިއަނުން ނޫން ކަމަށާއި، އެހީބޭނުންވަނީ ޓްރިލިއަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ޕްލެނަރީގައި ތަގުރީރުދެއްވާ ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި، ގެއްލުންތަކާއި ހިރާސްތަކަށް ޙައްލު ހޯދައިދިނުމަށް ދޭ ބައިނަލްއަޤްވާމީ މާލީ އެހީގެ ވަޢުދުތައް އިތުރުކުރެއްވުމަށް ގޮވާލައްވާފައެވެ.
އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދުތަކަށް ހުރަސްއެޅޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ ކްލައިމެޓް ފައިނޭންސްގެ އެންމެ ފަހުގެ އޮނިގަނޑުގައި، މިހާރު ބޭނުންވެފައިވާ ކަންކަމަށާއި، މުސްތަޤްބަލުގެ ވިލުންވެރިކަމަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކަކީ، ރާއްޖޭގެ ޘަޤާފީ ވަންތަކަމުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ އެއީ އެގޮތަށް ގަބޫލުކުރަން ލާޒިމު އަދި އެގޮތުގައި ހިފަހައްޓަންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން، މޫސުމާ ގުޅުން ހުރި ކަންކަމުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ހަކަތައިގެ އާ ސިޔާސަތާއި، ކާބޯތަކެތީގެ ކަށަވަރުކަމާއި، ބޯހިޔާވަހިކަމުގެ ފަހި މަސައްކަތްތަކާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖެއިން ކުރިއަށްގެންދަވާ ކަންތައްތަކެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2040 ވަނަ އަހަރު އަންނައިރު މޫސުމީ ބަދަލުތަކަށް ވިލުންވެރި ރާއްޖެއެއް ބިނާ ކުރުމަށްޓަކައި، 20 އަހަރު ދުވަހުގެ ތަޞައްވުރެއްގެ ދެލިކޮޕީ، ދާދި އަވަހަށް އެކުލަވާލައި ހާމަކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުނިންމަވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާ، ދުނިޔޭގެ އެހެނިހެން ކަންކަމަށް ކުރާ ޚަރަދުތަކުގައި ހުރި ތަފާތުތައް ފާހަގަކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ކަނޑައަޅާފައިވާ މާލީ އެހީ ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތަކަށް އިސްކަންދެއްވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއިއެކު، ކޮޕް29 ގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯއްދެވުމަށް އަޒުމް ކަނޑައަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ”މޫސުމީ ނޭދެވޭ ބަދަލުގެ ރާސްތާގެ ބަދަލުގައި، ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމުގެ ރާސްތާ ޚިޔާރުކުރުމަށް“ ވެސް ގޮވާލައްވާފައެވެ.


