މިހާރު ބިރުވެރި ހުދުހުމުތާރު ވެރިކަމެއްގެ ސިފަތައް ފެންނަމުން އެބަދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީ އިން އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ދިވެހިން މީގެ އެތައް އަހަރެއް ކުރިން ގެނައި ޖުމްހޫރީ ވެރިކަން އަނެއްކާވެސް ބިރުވެރި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެގެންދާ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް ދިވެހިން ދެނެއް ވިރާސީ ރަސްކަމަކަށް އެނބުރި ނުދާނެ ކަމަށާއި، އަނިޔާވެރި ހުދުހުމުތާރު ވެރިއަކަށް ރުހުން ދީގެން ދިވެހިން ނުތިބޭނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.
“ ޤާނޫނު އަސާސީގައި އޮތީ ކޯއްޗެއްތޯ ބެލުމެއް ނެތި، ފެނިވަޑައިގަންނަވާ ގޮތަކަށް ކަން ކުރައްވަމުން އެ ގެންދަވަނީ. ބާރުތައް ޖަމާ ކުރަމުން އެ ގެންދަވަނީ ބާރު ސްޕީޑުގައި “ ސޯލިހު ވިދާޅުވިއެވެ.
އަދި ޤާނޫނޫ އަސާސީގައި ބާރުތައް ވަކިކޮށްފައި ހުރި މިނިވަން މުއައްސަސާތައް މި ސަރުކާރުގެ މުށުތެރެޔަށް ލާ ޖަމާކުރަމުން ގެންދާ ކަމަށް ސޯލިހު ތުހުމަތު ކުރެއްވިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި އިކެލްޝަންސް ކޮމިޝަން ގެ ރައީސް އަކަށް، ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ފަރާތެއް އައްޔަނު ކުރެވޭ ގޮތަށް ކަންކަން ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
މި ހުރިހާ ކަމެއްގެ ބޭނުމަކީ ހުރިހާ ބާރުތަކެއް ޖަމާކޮށް، ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފޭރިގަތުން ކަމަށާއި، އެމްޑީޕީއިން އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ސޯލިހު ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ވެފައިވާއިރު، މިއީ ދޮގުހަދާ އޮޅުވާލާ ސަރުކާރެއް ކަމަށް ހުރިހާ ރައްޔިތުންވެސް ގަބޫލު ކުރާނެ ކަމަށެވެ.
“ މިއީ ސިއްރު ސަރުކާރެއް. ރައްޔިތުންނަށް ކަންތައްތައް ހާމަ ނުކުރާ ސަރުކާރެއް. އަދި އޭގެ އިތުރުން މުނާފިގުކަން އިންތިހާޔަށް ބޮޑު ސަރުކާރެއް “ ސޯލިހު ވިދާޅުވިއެވެ.




