ބްލޮކްގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަކީ ގާނޫނު ލާޒިމުކުރާ 5 އިންސައްތައަށް ވުރެއް 1.2 އިންސައްތަ މަދު އަދަދެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހްމާން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަކީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުން ހުށަހަޅާ ބަޖެޓްގެ 5 އިންސައްތަ ކަމަށާއި މިހާރު ކައުންސިލުތަކަށް ކަނޑައަޅާފައިވާ އަދަދަކީ ބަޖެޓުގެ 3.8 އިންސައްތަކަމަށެވެ.
އަބްދުލް ރަޙްމާން ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކަނޑައަޅަންޖެހޭ އަދަދަށް ވުރެއް 1.2 އިންސައްތަ މަދު އަދަދެއް ކަމަށާއި މިއީ ގާނޫނާއި ޚިލާފު ބަޖެޓެއް ކަމަށެވެ. އަދި ސަރުކާރަށް ވެސް ގާނޫނާއި ޚިލާފު ނިންމުންތަކެއް ނުނިންމޭނެކަމަށް އަބްދުލް ރަޙްމާން ވިދާޅުވިއެވެ.
”މިހާރު ކަނޑަ އަޅާފައި މިވަނީ %3.8 ގެ އަދަދެއް، %1.2 މަދު ގާނޫނާއި ހިލާފު ބަޖެޓެއް“ މެންބަރު އަބްދުލް ރަހްމާން ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ތަފްސީލު ދެއްވަމުން އަބްދުލްރަޙްމާން ”ސައުވީސް“ އަށް ވިދާޅުވީ ބްލޮކް ގްރާންޓުގެ ގޮތުގައި ފުރަތަމަ ކައުންސިލްތަކަށް ދައުލަތުން ދެއްވަން ކަނޑައަޅާފައިވާ އަދަދަކީ 1446 މިލިއަން ކަމަށެވެ.
ދައުލަތުން ކަނޑައެޅި އަދަދާއި ގުޅިގެން ކައުންސިލުތަކުންނާއި އާންމުރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ސަރުކާރުން ފަހުން ގެނައި ބަދަލާއިއެކު މިހާރު ބްލޮކްގްރާންޓުގެ ގޮތުގައި 2146.8 މިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައަޅާފައިވާއިރު، މިއީ ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ 3.8 އިންސައްތަކަމަށް އަބްދުލް ރަޙްމާން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލުތަކަށް ލިބެންޖެހޭ އަދަދަކީ ދައުލަތުގެ ބަޖެޓުގެ 5 އިންސައްތައަށްވާ 2830 މިލިއަންކަން ފާހަގަކުރައްވާ އަބްދުލް ރަޙްމާން ވިދާޅުވީ މިހާރު ދޭން ކަނޑައަޅާފައިވާ 2146.8 މިލިއަން އަކީ އަސްލު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ލިބެންޖެހޭ އަދަދަށް ވުރެއް 683.2 މިލިއަން އަދި 1.2 އިންސައްތަ މަދު އަދަދެއް ކަމަށެވެ.
”އަސްލު ކައުންސިލުތަކަށް ލިބެންޖެހޭ އަދަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 5 އިންސައްތައަށްވާ އަށްވާ 2830 މިލިއަން. މިހާރު ދޭން ކަނޑައަޅާފައިވާ 2146.8 މިލިއަން އަކީ އަސްލު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ލިބެންޖެހޭ އަދަދަށް ވުރެއް 683.2 މިލިއަން އަދި 1.2 އިންސައްތަ މަދު އަދަދެއް“ އަބްދުލް ރަޙްމާން ވިދާޅުވިއެވެ.
އަބްދުލް ރަޙްމާން ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) ގެ (1) ގައި ކައުންސިލުތަކަށް ދޭންޖެހޭނެ ބްލޮކް ގްރާންޓަކީ ދައުލަތުން ފާސްކުރާ ބަޖެޓުގެ 5 އިންސައްތަކަމަށް ބަޔާންކޮށްފައިވާއިރު، މިފަދައިން އަމަލުކުރުމުން ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތާއި ފުށު އަރާކަމަށެވެ.
”މިހާރު މިދޭ އަދަދަކީ 3.8 އިންސައްތަ އެއީ ގާނޫނުގައި ކަނޑައަޅާފައިވާ 5 އިންސައްތަ ހަމަނުވާ އަދަދެއް“ އަބްދުލްރަހީމް އިތުރަށް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނު 79 ވަނަ މާއްދާގެ (ހ) (1) ގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާއި އެއްގޮތަށް ދައުލަތުގެ އެހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އާއި އެއްވަރު އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދުކުރަން ޖެހޭނެއެވެ.
އެހެންކަމުން މިހާރު ދައުލަތުގެ ބަޖެޓުގައި ކައުންސިލުތަކަށް ދޫކުރާ ބްލޮކް ގްރާންޓު ދޫކުރުމަށް ކަނޑައަޅާފައިވާ އޮތް އަދަދު ގާނޫނާއި ފުށު އަރާ، ގާނޫނާއި ޚިލާފުކަން ފާހަގަކުރައްވާ މެންބަރު ވަނީ ގާނޫނާއި ޚިލާފު ނިންމުން ނުނިންމުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.



