މީޑިއާތަކާއެކު ނޫސްވެރިންވެސް ޖޫރިމަނާކުރެވޭ ގޮތަށް ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. އޭނާ ހުށަހެޅުއްވި މި ބިލުގައި ވަނީ ބްރޯޑްކާސްޓިންގް ކޮމިޝަނާއި މީޑިއާ ކައުންސިލު އެއްކޮށްލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އާ ކޮމިޝަނެއް އުފެއްދުމަށެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އަޑުއިއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.
މެންބަރު އަބްދުލްހަންނާނު ހުށަހަޅުއްވާ މިބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި އެ ދެ މުއައްސަސާގެ ދަށުގައި ހުރި މުދަލާއި މުވައްޒަފުންނާ އެކު މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް ބަދަލުވާނެއެވެ. އެގޮތުން ބްރޯޑްކާސްޓު ކުރުމާއި ފްރީކުއެންސީ ލައިސަންސާއި ނޫސް މަޖައްލާ ރަޖިސްޓަރީ ކޮށްދީ، މީޑިއާތައް ފަތުރާ މައުލޫމާތު މޮނީޓާކޮށް، ނޫސްވެރިކަން ކުރިއަރުވައި، ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތުތައް ބަދަލުވުން ވެސް ހިމެނެއެވެ.
މީގެއިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބޭނީ ޖުމްލަ ހަތް މެންބަރުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެއް ކަމަށް ވެސް އެބިލުގައި ބަޔާން ކޮށްފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮންޖަހާފައި މެންބަރު އަބްދުލްހަންނާނު ހުށަހަޅާފައިވާ މިބިލުގައި އިތުރަށް ބުނެފައިވަނީ މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.
މީގެއިތުރުން މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމެއް ބައެއް ހުއްޓުވައި، މާފަށް އެދެން އެންގުން ފަދަ ބޮޑެތި ބާރުތަކެއް ވެސް ކޮމިޝަނަށް އެ ބިލުގެ ދަށުން ލިބިދެއެވެ. އެގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭނެ ކަމަށް މި ބިލުގައި ހިމަނާފައިވެއެވެ.


