އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުން މިރޭ 11:00 އާ ހަމައަށް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ބަޖެޓް ބަހުސް ކުރިއަށް ގެންދަން މިއަދާއި މާދަމާގެ ޖަލްސާގެ ވަގުތު އިތުރުކުރަން ވޯޓަށް އަހާފައެވެ.
އެގޮތުން ވޯޓުލީ 52 މެންބަރުންގެ އިއްތިފާގުން ފާސްވީ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރަން އެދޭ ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން، ހުސްވަގުތަށް ތަންދެމުން ރޭގަނޑު 11:00 އާ ހަމައަށް އަދި މާދަމާގެ ޖަލްސާގައި ވާހަކަ ދެއްކުމަށް އެދޭ މެންބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން، ހުސްވަގުތަށް ތަން ދެމުން ޖަލްސާގެ ވަގުތު އިތުރު ކުރުމަށެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަހުސް ކުރަން ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެގެ މަޖިލިސް ޖަލްސާގައި ހަ މެންބަރަކު ވާހަކަދެއްކެވިއެވެ.
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވަނީ 57 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެ ބަޖެޓު ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އި ބަޖެޓުގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ.
އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. މީގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމެނެ އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.



