ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގައި އާރތު ލީކް ސަރކެޓް ބްރޭކަރ (އީއެލްސީބީ) ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުމަށް ފެނަކައިން ކުރިއަށް ގެންދާ ސާރވޭ ނ، ރ، ބ އަދި ޅ އަތޮޅޮގައި ފަށައިފިއެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިއީ ރައްކާތެރި ގޮތުގައިކަން ކަރަންޓު ބޭނުން ކުރޭތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސާވޭއެކެވެ.
”ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގައި އީ.އެލް.ސީ.ބީ ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުމަށާއި ކަރަންޓު ބޭނުން ކުރަމުންދަނީ ރައްކާތެރި ގޮތުގައިކަން ޔަގީން ކުރުމަށް ފެނަކައިން ކުރިއަށްގެންދާ ސާރވޭ، ނ، ރ، ބ އަދި ޅ އަތޮޅުގައި ކުރިޔަށް ދަނީ“ ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ވަނީ ހުސްވި އޮކްޓޯބަރު މަހުގެ ފަހު ކޮޅު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި އީއެލްސީބީ ހަރުކޮށްފައި ހުރިކަން ކަށަވަރު ކުރުމަށް ސާރވޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައެވެ.
އެގޮތުން އެކުންފުނިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާންމުން ދިރިއުޅޭ ގޭބީސީތަކާއި، އޮފީސްތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އާންމު ސަރަހައްދުތައް ހިމެނޭ ގޮތަށެވެ.
އީއެލްސީބީ ހަރުކޮށްފައި ހުރުމަކީ ކަރަންޓު ބޭނުންކުރުމުގެ ސަލާމަތީ މިންގަނޑުގެ އަސާސީގޮތުން ފުރިހަމަވާންޖެހޭ، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކުން ލާޒިމްކުރާ ކަމެއްކަން ފާހަގަކޮށް ފެނަކައިން ވަނީ މި ސާރވޭގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދިނުމަށް އެދިފައެވެ.



