އަމިއްލަ ދަރިފުޅު ހިމެނޭހެން ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ (ގއ. ، ގދ. ، ޏ، ސ) އަތޮޅެއްގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް އަދި ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިމައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވަނީ އެ ފިރިހެން މީހާ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ އެއް ކުއްޖަކީ އޭނާގެ އަމިއްލަ ދަރިފުޅުކަމަށް އެރަށު މީހަކު މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން މިމައްސަލަ ފެންމަތިވީ އެއަންހެން ކުއްޖާ އެހެން ގެއަކަށް ކުޅެން ގޮސް އުޅެނިކޮށް އެ ކުއްޖާގެ ފަރާތުން ފެނުނު ކަންތައްތަކެއްގެ ސަބަބުން ޝައްކުކުރެވިގެން ބަޔަކު އެކުއްޖާއާ ސުވާލު ކުރުމުންނެވެ.




