ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ މުހިންމު ޕްރޮޖެކްޓުތައް އިފްތިތާހު ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތްކަމުގައިވީ ނަމަވެސް ވަރަށް އަވަހަށް އަލުން އެ މަސައްކަތް ފަށޭނެ ކަމަށާއި ޖެނުއަރީގެ ނިޔަލަށް ގޯތިޔައް ހަވާލު ކުރާނެ ކަމަށެވެ.
ފަޒީލް ވިދާޅުވީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑުންނާއި ފަޅުން ގޯތި ދޫކޮށްފައިވާ ކަމަށާއި ހުޅުމާލޭގައި ވެސް އޭގެ އެއްބައި އޮތްކަމަށް ފަޒުލް ވިދާޅުވިއެވެ.
”ހުޅުމާލޭގެ ފޭސް 3 ގެ ހިއްކުން މަޑުޖެހިފައި އޮތް ކަން އަޅުގަނޑު މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން ގަބޫލު ކުރަން. އޭގެ ގޮންޖެހުންތަކެއް އެބަހުރި. އެހެން ނަމަވެސް އެ ގޮންޖެހުންތަކާ އެކު ވެސް އަޅުގަނޑުމެން މިއަދާ ހަމައަށް ކުރަމުން އައި މަސައްކަތަކަކީ އެއްވާނެއްގައި އެއް ހިސާބެއްގައި ހިފެހެއްޓުން،“ އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ގޯތިގެދޮރު ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ހައުސިން ލޯނު ސްކީމެއް މިދިޔަ ހަފުތާގައި ފެށުމާ އެކު، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ކޮންމެ ޕްލޮޓެއްގައި އިންވެސްޓަރުންނާ ގުޅިގެން ހެޔޮ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދޭނެކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ހިންގާ ބިޔަ ޕްރޮޖެކްޓްތަކާއިއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެ ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތަކަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.
އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި އެކުންފުނިން ވަނީ 15 މަޝްރޫއުއެއް އިފްތިތާހު ކޮށްފައެވެ. މީގެތެރޭގައި، ހުޅުމާލޭގައި ހިންގަން ޕްލޭން ކޮށްފައިވާ ސޯޝަން ހައުސިންގެ ދެ މަޝްރޫއުގެ ހިމެނެއެވެ.




