ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އަމާޒު ހިފާފައި ވަނީ ދަރަނި ކުޑަކުރަން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ ޕާޓީގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަޖެޓާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު މުސްތަފާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށް ހޭދަ ކުރަން ޖެހިފައި ވަނީ ބަޔަކު މީހުން ދައުލަތް ދޮވެލައި، ބަނގުރޫޓުކޮށްފައި ދިއުމުން ކަމަށެވެ.
އެގޮތުން ޖީޑީޕީގެ 60 އިންސައްތައިގައި ދަރަނީގެ އަދަދު ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް އެހެން އެކަން ކުރެވެން ނެތީ ބަޔަކު މީހުން މި ގައުމުގެ ދައުލަތް ދަރުވާލާފައިވުމުން، ދަރަނިތައް ސަލާމަތް ކުރަން ޖެހޭތީ ކަމަށް ވެސް މެންބަރު މުސްތަފާ ވިދާޅުވިއެވެ.
”ދައުލަތުގެ މާލިއްޔަތު ދޮވެލައިގެން ނުކުމެގެން އެ ދިޔައީ. ޖީޑީޕީގެ ނިސްބަތުން 127.2 އިންސައްތައަށް ދިއުމަކީ ނުރައްކަލެއް. ނުރައްކާތެރި ސިގްނަލެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ“ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު މުސްތަފާ ވިދާޅުވީ މި އަހަރު ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ޖީޑީޕީގެ ނިސްބަތުން 127.2 އިންސައްތައިގައި ހުރި ނަމަވެސް، 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ އަދަދު ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތައަށް ތިރިކުރެވިފައިވާ ކަމަށެވެ.



