މާލޭ ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ދެތިން ދުވަހެއްގެ ތެރޭގައި ބަޔާކާއި ހަވާލުކުރެވި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެވެ.
އިދިކޮޅު އެމްޑީޕީން މި ސަރުކާރުން ސްޓޭޑިއަމެއް ހަދަން ވަޢުދުވީނަމަވެސް، މިހާރު އެހެން ބަޔަކަށް އަނެއްކާވެސް އެތަން ދިނުމަށްފަހު، އެތަނުގައި އެހެން މަސައްކަތެއް ފަށަން އުޅޭ ކަމަށް ކުރި ތުހުމަތަށް ރައްދު ދެއްވާ ވަޒީރު ވިދާޅުވީ ސާފް ސްޓޭޑިއަމްގެ ޑިޒައިންނާއި ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން، ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާވެސް މަޝްވަރާކޮށްގެން ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި، މިއަހަރު ތެރޭގައި ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”ރާޅުގަނޑު ސަރަހައްދުގައި ހަމަ ސާފިން ސްޓޭޑިއަމް ހަދަން އެތަން ކުރަހާވެސް ނިންމާފަ އޮތީ. އަދި ސިޓީކައުންސިލާވެސް މަޝްވަރާކޮށްފައިވާނީ އެތާނގެ ކޮންސެޕްޓް ކުރިޔަށްގެންދާނެ ގޮތް. ދެން ސާފިން އާއި ބޮޑީ ބޯޑިންގއާއި ދެ އެސޯސިއޭޝަންގެ ގެނެސްގެން އެމީހުންވެސް ބޭނުންވާ ގޮތަށް އެތަނުގެ ޑިޒައިން ކޮންސެޕްޓްވެސް ނިންމާފަ އޮތް އެއްޗެއް އެއީ. ހަމައެކަނި މަސައްކަތް ފެށުން މިހާރު އޮތީ.“ ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ސާފިން ސްޓޭޑިއަމް އެޅުމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ 17 ގެ ކުރިން ސޮއި ކުރާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސާފިން ސްޓޭޑިއަމް އަޅާތަނުގައި އެހެން ކަމެއް ނުކުރާނެ ކަމަށެވެ.



