މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ) އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ގޮތުގައި އާ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށާއި ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތަކެއް ވެސް އެޅިގެންދާނެ ކަމަށް މޯލްޑިވްސް ޖޯނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
އެމްޖޭއޭ އިން މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްސީ އާއި އެމްބީސީ އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ގޮތުގައި އާ ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލާމެދު އެ އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
މިބިލުގެ ސަބަބުން މީޑިއާތައް އެމީހުން އަމިއްލައަށް ރެގިއުލޭޓު ކުރުން ނުވަތަ ސެލްފް ރެގިއުލޭޓު ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލައިގެން ދާނެ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެމްޖޭއިން ވަނީ މިބިލާ ގުޅޭގޮތުން މިހާތަނަށް އެ އެސޯސިއޭޝަނަށް ފާހަގަ ކުރެވުނު ބައެއް ކަންކަން އެ ބާޔާނުގައި ހިމާނާލާފައެވެ. އެއީ:
- ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފޮނުވައިގެން އައްޔަނު ކުރާ މެންބަރުންނަށްވުން. މީޑިއާއިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން. މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓު ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މިއޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެންލިގެން ދިޔުން،
- ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެމަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މަގާމުތަކެއްކަން، އަދި
- ބިލުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބާޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލު އެކުލަވާލާފައި އޮތުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްކަން، މިއެވެ.
އެމްޖޭއޭ އިން ބުނީ އެ އެސޯސިއޭޝަނުން އަބަދުވެސް ޤަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓު ކުރުމުގެ އިޚްތިޔާރު އޮންނަން ވާނީ މީޑިއާތަކަށް އަމިއްލައަށް އެކަންކުރާ ގޮތް ނުވަތަ ސެލްގް ރެގިއުލޭޓަރީ މެކޭނިޒަމްއަކަށް ބުރަވާގޮތަށް ކަމަށެވެ. އެއީ މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެމީހުން ޒިންމާދާރުކުރުވުން ކަމުގައި އެމްޖޭއޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. އެމްޖޭއޭއިން ބުނީ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މިބިލަކީ ހުރިހާ އުސޫލުތައް މުގުރިގެންދާނޭފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.
މީޑިއާތަކާއެކު ނޫސްވެރިންވެސް ޖޫރިމަނާކުރެވޭ ގޮތަށް ބިލެއް މަޖިލިހަށް ހުށަހަޅައިފި




1 Comment
ކޮބާ ނޫސްވެރިންގެ ޖިންމާ. ކަލޭމެން ބޭނުންހާ އެއްޗެއް ޖަހަމުންދާއިރު ކަލޭމެން އަމިއްލަ އަށް ކިހިނެއް ފާރަވެވޭނީ. ޢެހެންވީމާ ޖިންމާ ނަގަން ޖެހޭ ގޮތަށް ގާނޫނު ތައް ހެދިފައި ހުންނަން ވާނީ. މިހާރު ހަބަރެއް ކިޔައިގެން މިވާގޮތްވެސް ނޭންގޭ. ހިތުހުރިހާ އެއްޗެއް ލިޔުމުގެ ބާރު ދިނުމުން ތި ލިޔަނީ ކަން އޮތްގޮތްވެސް ބަލާނުލާ ހިތު ހުރި އެއްޗެއް. މިހާރު ރާއްޖޭގެ ހުރިހާ މީޑިޔާ ތަކުގައި ލިޔެފަ ހުންނަ އެއްޗެހި އެއްގޮތެއް ނޫން. ޢެކި މީހުން ލިޔަނީ އެކި އެއްޗެހި އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ނަފްސާނީ ބޮޑު ބަލިމަޑުކަމަކަށް މިކަން ވެއްޖެ. ޥީމާ ލިޔާ އެއްޗިއްސަށް ޖަވާބުދާރީ ކުރުވުމަކީ އެއީ ވަރަށް ރަނގަޅު ކަމެއް. ޢިސްލާމްދީނުގައި ދޫ ރައްކާތެރި ކުރުމަށް އަންގަވާފައިވަނީ އެހެންވެ.