މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.
މިއަދުގެ ކޮމިޓީގެ އެޖެންޑާގައި އޮތީ ކޮމިޓީއަށް ހުށަހަޅާފައިވާ ބައެއް ސިޓީތަކާއި ޝަކުވާތަކާ ގުޅޭގޮތުން މީޑިއާ ކައުންސިލާއި ބައްދަލުކުރުމަށެ.
ކޮމިޓީގެ ބައްދަލުވުން ފެށުމާއިއެކު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ މަސްލަހަތަށް ފުށުއަރާނެ ކަމަކަށް ވެދާނެކަމަށް ބަޔާންކޮށް ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވާފައެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެ ހުށަހެޅުމަށް ތާއީދުކުރައްވާފައިވާއިރު، ކޮމިޓީ ސިއްރުކުރުމަށް ނިންމާފައި ވަނީ ކޮމިޓީގައި ބައިވެރިވި ހަ މެންބަރުންގެ ވޯޓާއެކުއެވެ. އެކަމާއި ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
”އެޖެންޑާގައި ހުރި ކަންތައްތަކަކީ ތަންކޮޅެއް ބައެއް ކަހަލަ މަސްލަހަތަށް ފުށުއަރާ ކަންތައްތަކަކަށް ވެދާނެ. އެހެންވީމަ މި ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ގެންދަން އަޅުގަނޑު ހުށަހަޅަން،“ މެންބަރު އިބްރާހީމް ވިދާޅުވިއެވެ.
މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ މިފަހުން ދިން މީޑިއާ ކައުންސިލްގެ އެވޯޑު މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.



