ފެނުގެ ބަންކަރިންގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިހަވަންދިއްޕޮޅަށް ބާޖެއް ފޮނުވައިފިއެވެ. މިއީ މި ޚިދުމަތަށް ފުރަތަމަ ފޮނުވޭ ބާޖެވެ.
ތިލަފުށީ ބަނދަރުން މިއަދު މި ބާޖު އިހަވަންދިއްޕޮޅަށް ފޮނުވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޕީއެލްއިން އިހަވަންދިއްޕޮޅަށް ފޮނުވި ބާޖާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސްދޭނެ މަސައްކަތްތަކެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެގޮތުން ބަންކަރިންގްގެ މަސައްކަތް އެމްޕީއެލްއިން އޮފް-ޝޯކޮށް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށް ސީއީއޯ ވިދާޅުވިއެވެ.

”އޭގެތެރެއިން ތެލުގެ ޚިދުމަތް ފޯރުކޮށްދެނީ އެސްޓީއޯއިން. ބާކީ ހުރި ހުރިހާ ކަމެއް ކުރަނީ އެމްޕީއެލުން. އަޅުގަނޑުމެން މި މަސައްކަތް ފެށިއިރު މިކަމަށް ވާން ޖެހޭ ހުރިހާ މަސައްކަތެއް، ހުރިހާ ތައްޔާރީތަކެއް ވެފައެއް ނެތް. އެއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިހުރިހާ ކަމެއް މިކުރީ. އެގޮތުން އަޅުގަނޑުމެން ފެނުގެ ބަންކަރިންގް ޚިދުމަތް ދޭން ފެށިއިރުގައި އަޅުގަނޑުމެންނަށް ވަނީ އެކަމަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓްސްއެއް ނުހޯދި. އެއީ މީގެން ކޮންމެ ކަމެއްވެސް މިއީ ބޮޑު އިންވެސްޓްމަންޓެއް، ބޮޑު ޚަރަދެއް ދާނެ ކަމެއް. އެކަމަށް ރެޑީވުމަށްޓަކައި ވަގުތު ވެސް ބޭނުންވޭ“ ސީއީއޯ ވަޖީހް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ މިވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހު އެ ކުންފުނިން މި ޚިދުމަތް ދެމުން ދިޔައިރު، ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނީ އެ ކުންފުނީގެ ލޭންޑިންގްކްރާފްޓެއްގައި ޕްލާސްޓިކު ހަން ބަހައްޓައިގެން ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް މި ޚިދުމަތަށް ބޭނުންވާ މި ޒަމާނާއި ގުޅޭގޮތަށް ފެން ބާޖެއް ތައްޔާރު ކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުން ދިޔަ ކަމަށާއި އެމަސައްކަތް ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ތެރޭގައި މިވަނީ ނިންމާލެވިފައި ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.



