ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި ބްރޯޑްކާސްޓިންގް ކޮމިޝަން އުވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ގޮތުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލާ ގުޅިގެންނެވެ.
އެގޮތުން މެންބަރު އަބްދުލްހަންނާން ހުށަހެޅުއްވި އެ ބިލުގައި
ބަޔާންކޮށްފައިވާ ގޮތުގައި، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި އެ ދެ މުއައްސަސާގެ ދަށުގައި ހުރި މުދަލާއި މުވައްޒަފުންނާ އެކު މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް ބަދަލުވާނެއެވެ. އެގޮތުން ބްރޯޑްކާސްޓު ކުރުމާއި ފްރީކުއެންސީ ލައިސަންސާއި ނޫސް މަޖައްލާ ރަޖިސްޓަރީ ކޮށްދީ، މީޑިއާތައް ފަތުރާ މައުލޫމާތު މޮނީޓާކޮށް، ނޫސްވެރިކަން ކުރިއަރުވައި، ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތުތައް ބަދަލުވުން ވެސް ހިމެނެއެވެ.
މީގެއިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިބޭނީ ޖުމްލަ ހަތް މެންބަރުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެއް ކަމަށް ވެސް އެބިލުގައި ބަޔާން ކޮށްފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮންޖަހާފައި މެންބަރު އަބްދުލްހަންނާނު ހުށަހަޅާފައިވާ މިބިލުގައި އިތުރަށް ބުނެފައިވަނީ މީޑިއާ ތަމްސީލުކުރާ ތިން މެންބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.
މީގެއިތުރުން މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް މުޢިއްޒު މީގެ ކުޑައިރުކޮޅެއް ކުރިން ”އެކްސް މެދުވެރިކޮށް ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމައެއް ނޫން ކަމުގައެވެ.
”މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅި މިބިލުގައި ވަނީ، ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމެއްގެ ބައެއް ހުއްޓުވައި، މާފަށް އެދެން އެންގުން ފަދަ ބޮޑެތި ބާރުތަކެއް ވެސް އެ ކޮމިޝަނަށް ލިބިދޭނެ ކަމަށެވެ. އެގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭނެ ކަމަށް މި ބިލުގައި ހިމަނާފައިވެއެވެ.
މެންބަރު ޢަބްދުލްހަންނާނު ހުށަހެޅި މިބިލާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.




