ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ގެސްޓްހައުސްތައް ހިންގަމުންދާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ގެސްޓްހައުސްތަކުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުލަވާލަން ޖެހޭ ގަވާއިދާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ކުރި ސުވާލަށް ޖަވާބުދެއްވާ ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ރަޖިސްޓްރީ ނުކޮށް ހިންގާ ގެސްޓްހައުސްތައް ހޯދައި ގަވާއިދަށް ފައްތަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެފަދަ ތަންތަން ދެނެގަތުމަށް އިންސްޕެކްޝަން ފަށާނެ ކަމަށާއި މި އިންސްޕެކްޝަން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ކ، އއ، އދ. އަދި ވ. އަތޮޅުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިންސްޕެކްޝަންގެ ތެރޭގައި ގެސްޓްހައުސްތަކުގައި ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ހުންނަން ޖެހޭ މިންގަނޑަށް ހުރިތޯ ބެލިގެންދާނެ ކަމަށެވެ.
މި އިންސްޕެކްޝަންގެ ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަކީ ގަވާއިދާއި ހިލާފަށް ހިންގަމުންދާ ގެންސްޓުހައުސްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީވެ އެކަމަށް ހައްލެއް ހޯދުމެވެ.


