ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ ޢަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި ރައީސް ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާކަމަށެވެ.
މާލީ ވަޞީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްޤީ ގެއްލިގެންދާކަމަށެވެ.
މީގެއިތުރުން، އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ
- އދ. އާއި، ބައިނަލްއަޤުވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި،
- މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުމާއި،
- މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ޚާއްޞަ، އަދި ސިޑްސްގެ ޙަޤީޤީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެން.ސީ.ކިއު.ޑީ) ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުމެވެ.
މިސަމިޓުގައި ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް ވަނީ އިޤްތިޞާދީ އަދި ޙަޟާރީ ތަރައްޤީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.
މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ވަޢުދުތައް ޢަމަލީގޮތުން ދެއްކުމަށް ވެސް ގޮވާލައްވާފައެވެ.




