ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނެކަމަށް ގިނަ ރިސޯޓުތަކަކުން އެމްއެމްއޭއަށް އަންގައިފިއެވެ.
އެމްއެމްއޭއިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގައި ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން ވަނީ އަންގާފައެވެ.
މިގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި އޮކްޓޫބަރު 30 ގެ ކުރިން ރަޖިސްޓްރީވާން ވެސް ވަނީ ކަނޑައަޅާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްބޭފުޅަކާއި ހަވާލާދީ ’އަދަދު‘ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅާފައިވާ މިގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ، 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން ވަނީ އެމްއެމްއޭއަށް ސިޓީއެއް ފޮނުވާފައެވެ.
އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބުނެ، އެމްއެމްއޭއަށް ސިޓީ ފޮނުވި މީހުންގެ ތެރޭގައި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ހިމެނެއެވެ. އެގޮތުން ޗަމްޕާގެ ސޮއިކުރުމަށްފަހު އޭނާގެ ރިސޯޓުތަކުން އެގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބުނެ ފޮނުވި ސިޓީ އެމްއެމްއޭގެ އިތުރުން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޓޫރިޒަމް މިނިސްޓަރު އަދި މަޓީއަށް އެޑްރެސްކޮށްފައިވާ ކަމަށް އަދަދު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އެމްއެމްއޭއަށް ފޮނުވާފައިވާ ގިނަ ސިޓީތަކުގައި މި ގަވާއިދަކީ އިންޑަސްޓްރީގެ ހަގީގަތާއި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށް ބަޔާންކޮށްފައިވާކަމަށް އަދަދު ނޫހުން ބުނެފައިވެއެވެ. އަދި މީގެ ސަބަބުން މާލީ ހާލަތަށް ކުރާނެ ގެއްލުމުގެ ވާހަކަތައް ވެސް ތަފުސީލާއި ހިސާބުތަކާއެކު ހިމަނާފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.
”މި ސިޓީގައި ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލާ، ވަގުތުން ވަގުތަށް މި ގަވާއިދު އުވާލުމަށް ސަރުކާރަށް ގޮވާލަން. އަދި ދުރު ރާސްތާގައި އިގުތިސޯދަށް ފައިދާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށާއި އެ މަސައްކަތުގައި އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރުމަށްވެސް ގޮވާލަން،“ އުއްޗުގެ ސިޓީއާއި ހަވާލާދީ އަދަދު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މިގަވާއިދަށް ބަދަލު ގެނައުމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިންނާއިއެކު، އެމްއެމްއޭއިން ވަނީ ބައްދަލުކުރައްވާ ޑޮލަރު މާރު ކުރުމުގެ ފޯމިއުލާތަކެއް ހުށަހަޅުއްވާފައެވެ.




