ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓްތަކަކުން އެކަމަށް ރަޖިސްޓްރީ ވެފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގާއިރު، އެމްއެމްއޭއިން މިއަދު ބުނެފައިވާ ގޮތުގައި އެގަވާއިދުގެ ދަށުން މިހާތަނަށް 173 ރިސޯޓަކުން ވަނީ ރަޖިސްޓްރީ ވެފައެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 1 ގައި މިގަވާއިދަށް އަމަލުކުރަން ފަށާފައިރު، އެމްއެމްއޭއިން ވަނީ އޮކްޓޯބަރު 30 ގެ ނިޔަލަށް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއްނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓްރީވުމުގެ ފުރުސަތުދީފައެވެ.
މިގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެމްއެމްއޭއިން އެކަމަށް ޚާއްސަ ޕޯޓަލްއެއް ކަނޑައަޅާފައިވާއިރު، އެ ޕޯޓަލްގައި ރިސޯޓުތަކުގެ މައުލޫމާތުތައް ހިމަނަން ޖެހޭނެއެވެ.
ގަވާއިދާ ގުޅިގެން ބައެއް ރިސޯޓުތަކުން ޝަކުވާ ހުށަހަޅާފައިވާކަން ހާމަކުރުމަށްފަހު އެމްއެމްއޭއިން ބުނީ ޝަކުވާ ހުށަހެޅި ރިސޯޓުތަކުގެ އަދަދު އަދި ސާފު ނުވާކަމަށެވެ.
އެމްއެމްއޭއިން ބޭރު ފައިސާގެ ގަވާއިދުގައިވާ ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި ’ކެޓަގަރީ-އޭ‘ އަދި ’ކެޓަގަރީ-ބީ‘ ހިމެނެއެވެ.
އެގޮތުން، ކެޓަގަރީ – އޭ ގައި ހިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ހިމެނޭއިރު، މިކެޓަގަރީގައި ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ލާޒިމްވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިއަށްފަހު، ކެޓަގަރީ – ބީ ގައި ހިމެނޭ ގެސްޓުހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ވަނީ ލާޒިމުކޮށްފައެވެ.
މިގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޑޮލަރު މާރު ކުރަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހު ކޮޅުން ފެށިގެންނެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ގަވާއިދަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުކޮށް އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރު ކުރުމުގެ ގޮތުންނެވެ.



