މިމަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ހޯލު ދެވެން ނެތް ކަމަށް ނޭޝަނަލް ސެންޓަރ ފޮ އާޓްސް އިން އެންގި އެންގުން ބަދަލުކޮށް، ކުރިން ވެސް ރޭވިފައިވާ ފަދައިން ފިލްމު ”ދޭދަރު ރުއިން“ އެދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށް މަގުފަހިކޮށްދީފިއެވެ.
ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް މިމަހުގެ 18 އިން 20 އަށް އޮލިމްޕަސް ހޯލު ބޭނުންވާ ކަމަށް އެންސީއޭ އިން މި ފިލްމު އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސްއަށް އެންގީ މިމަހުގެ 10 ވަނަ ދުވަހުގައި ކަމަށް ކަޒްމިކްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެއީ ”ދޭދަރު ރުއިން“ ޕްރިމިއާކޮށް އެޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެފައި ވަނިކޮށް ކަމަށާއި ކުރިން އޮލިމްޕަސް ހޯލު ބުކްކޮށް ފައިސާ ވެސް ދައްކާފައި ވަނިކޮށް ކަމަށް ކަޒްމިކްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް، މަޝްވަރާ ކޮށްގެން އެ ނިންމުން ބަދަލުކޮށް ހައްލެއް ގެނެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއީ އެފަރާތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި ދިވެހި ފިލްމު އިންޑަސްޓްރީއަށް ވެސް ވީ ބޮޑު ބޭއިންސާފެއް ކަމުގައި އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފައިވެއެވެ.
ނަމަވެސް އެންސީއޭ އިން މިހާރު ވަނީ އެމީހުންގެ އެ ނިންމުން ބަދަލުކޮށް ކުރިން ވެސް ތައްޔާރުވީ ފަދައިން އެދުވަހު ”ދޭދަރު ރުއިން“ ޕްރިމިއަރ ކުރުމަށް އޮލިމްޕަސް ހޯލު ދޭން ނިންމާފައެވެ.
މިކަމާ ގުޅިގެން ކަޒްމިކް އަދި އައިފިލްމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިލްމު ’ދޭދަރު ރުއިން“ ގެ ޕްރިމިއަރ ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕަސް ސިނަމާ ހޯލު ކުއްލިއަކަށް އަތުލުމަށްފަހު، އެ ނިންމުން އަނބުރާ ގެންދިޔަކަމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން މިއަދު އަންގާފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ބޮޑު ގެއްލުމެއްވެ، ލިބިފައިވާ ހައްގުތަކެއް ގެއްލޭނެ ގޮތަށް މި ކަން ނިމިގެން ނުދިޔައިކަމަށްޓަކައި މިކަމަށް ޝުކުރުވެރިވަން. އަދި މިއީ ލަހުން ނަމަވެސް، އެން.ސީ.އޭ ގެ ހަގީގީ ދައުރު އަދާކޮށް، ދިވެހި ފަންނުވެރިންނަށް ގެއްލެމުންދިޔަ އިތުބާރު އަލުން އިއާދަވުމުގެ ފެށުމެއްކަމުގައި ދެކެން“ ކަޒްމިކް އަދި އައިފިލްމްސް އިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކަޒްމިކް އިން ވަނީ ދިމާވި މި ކުއްލި މައްސަލައިގައި އެ ޕްރޮޑަކްޝަންހައުސްއަށް ހިތްވަރަކަށްވެ، ހަމަ މަގަށް އަލުން ގެނައުމަށް ގޮވާލާ އަޑު އުފުލާ، މިކަމުން އަރައިގަތުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ. އޭގެތެރޭގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާއި، ދިވެހި ފިލްމީ އަދި މިއުޒިކީ ފަންނާނުންނާއި، އާންމު ރައްޔިތުންނާއި، މީޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.
”މީގެއިތުރުން، މި މަހުގެ 18 އަދި 19 ވަނަ ދުވަހު އެން.ސީ.އޭ އިން އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ’އޮލިމްޕިއަންސް ވިތް ޔޫތް – ލައިވް އިން ކޮންސަރޓް‘ ގައި ބައިވެރިވާ ހުރިހާ ފަންނާނުންނަށް ކާމިޔާބު ޝޯއަކަށް އެދެން. ތިޔަ ފަންނާނުންގެ ކިބައިން އަޅުގަނޑުމެންނަށް ލިބުނު އިހްތިރާމާއި، ހިތްވަރު ރައްދުކުރަން“ ކަޒްމިކްގެ ބަޔާނުގައިވެއެވެ.
”ދޭދަރު ރުއިން“ ފިލްމުގެ ޓިކެޓާއި ޕްރިމިއަރ ޝޯގެ ޓިކެޓް މިހާރު އަލުން ވިއްކަން ފައްޓާފައިވާ ކަމަށާއި މި ފިލްމު ބަލައިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަޒްމިކްގެ ހޮޓްލައިން 7242555 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖްކޮށްގެން ޓިކެޓް ގަނެވޭނެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.



