ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޮއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކު ކޮށްލާނެކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލް ކުރި ފުލުހެއް ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަން ގައި ރިކްރޫޓް ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާ، މަތިވެރި/ ފަޒާ، ޒައިދާން މުޙައްމަދު (19އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޮއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދަ، އިންޒާރުދީ ބްލެކް މެދިން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ނޮވެމްބަރު 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އޭނާ މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 3 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.




