މ. ދިއްގަރުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ހާއްސަ ކްލިނިކެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ދިއްގަރު ސިއްޙީ މަރުކަޒުގެ އިސްނެގުމުން ޤާއިމުކޮށްފައިވާ މިކްލިނިކު ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދުރާލައި އެކަން ދެނެގަނެ ރައްޔިތުންނަށް ފަރުވާ ދިނުން ކަމަށް ދިއްގަރު ޞިއްޙީ މަރުކަޒުން ބުނެފައިވެއެވެ.
އެގޮތުން ދިއްގަރުގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް އިތުރުވަމުންދާ އިރު، އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ދެވަނަ އަށް އެފަދަ ބަލިތައް އެންމެ ގިނައިން ތަހައްމަލު ކުރާ މީހުން ދިރިއުޅެނީ ވެސް ދިއްގަރުގައި ކަމަށް ސިއްހީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.
އެރަށު ސިއްޙީ މަރުކަރުން ހާމަކޮށްފައިވާ ގޮތުގައި އަލަށް ހުޅުވި ކްލިނިކްގައި ބަލި މީހުންގެ ހާލަތު ދެނެގަތުމާއި އެފަދަ ބަލިތަކަށް ޓެސްޓްތައް ހަދައި ހޭލުންތެރިކުރުމުގެ މަޢުލޫމާތުތައް ފޯރުކޮށް ދިނުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްގަރު ސިއްޙީ މަރުކަޒު ހުޅުވާފައި ވަނީ 2004 ގައެވެ. ދެ ޑޮކްޓަރުންނާއި އެކު 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ދިއްގަރު ސިއްޙީ މަރުކަޒުން ދުވާލެއްގެ މައްޗަށް 15-20 މީހުންނަށް ފަރުވާދެވެއެވެ.



