ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގައި އާރތު ލީކް ސަރކެޓް ބްރޭކަރ (އީއެލްސީބީ) ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުމަށް ފެނަކައިން ކުރިއަށް ގެންދާ ސާވޭ މިއަދު ތ އަދި ދ އަތޮޅުގައި ފަށައިފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި މިއީ މިއީ ރައްކާތެރި ގޮތުގައިކަން ކަރަންޓު ބޭނުން ކުރޭތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސާވޭއެއް ކަމަށް ބުނެފައިވެއެވެ.
ފެނަކައިން ހުސްވި މަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި އީއެލްސީބީ ހަރުކޮށްފައި ހުރިކަން ކަށަވަރު ކުރުމަށް އެކުންފުނިން ސާވޭއެއް ކުރަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.
އީއެލްސީބީ ހަރުކޮށްފައި ހުރުމަކީ ކަރަންޓު ބޭނުންކުރުމުގެ ސަލާމަތީ މިންގަނޑުގެ އަސާސީގޮތުން ފުރިހަމަވާންޖެހޭ ކަމެއް ކަމަށާއި، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކުން ލާޒިމްކުރާ ކަމެއްކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
މިސާވޭގައި އާންމުން ދިރިއުޅޭ ގޭބީސީތަކާއި، އޮފީސްތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އާންމު ސަރަހައްދުތައް ހިމެނޭ ތަންތަނުގައި އީއެލްސީބީ ހަރުކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާއިރު، އެކުންފުނިން ވަނީ މި ސާވޭގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދިނުމަށް އެދިފައެވެ.
ފެނަކައިން ކުރިއަށް ގެންދާ މިސާވޭގައި އިއްޔެ އެކުންފުނިން ވަނީ ނ، ރ، ބ އަދި ޅ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ. އަދި އޭގެ ކުރިން އ، ހދ އަދި ށ އަތޮޅުގައި ވެސް މިސާވޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.



