ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގައި ކްލައިމެޓް ސްމާޓް އެގްރިކަލްޗަރ ކުރިއެރުވުމަށް ސާކް އެގްރިކަލްޗަރ ސެންޓަރުން ކުރިއަށްގެންދާ ހައި ލެވެލް ޕޮލިސީ ފޯރަމްގައި ވާހަކަފުޅުދައްކަމުން ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ބަދަލުވަމުންދާ މޫސުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ދާއިރާއަކަށް ވާސިލުވުމަށް މިފަދަ ބައްދަލުވުންތަކުގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ސަރަޙައްދަކީ މިއީ ކަމަށެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއިއެކު، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކުން ރަށްގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަތަކާއި ވަރަށް ބޮޑަށް ކުރިމަތިލާން ޖެހޭކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކާއި އެކުވެސް ދަނޑުވެރިކަން ކުރެވޭނެ ގޮތް ސަރުކާރުން ފަހިކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
”ދަނޑުވެރިކަމާއި، ގޮނޑުދޮށް ބެލެހެއްޓުމާއި، ކާރިސާތަކަށް އިޖާބަދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކަކީ އަޅުގަނޑުމެންގެ ދިގު މުއްދަތުގެ ހޭނުވުމުގެ ސްޓްރެޓެޖީގެ މުހިންމު ބައިތަކެއް. މީގެ އިތުރުން، ބަދަލުވަމުންދާ މޫސުމުގެ ޙާލަތްތަކަށް އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ ދާއިރާ ހޭނުވުމަށްޓަކައި ވަރޓިކަލް ފަރމިންގ، ބަޔޮލޮޖިކަލް ޕެސްޓް ކޮންޓްރޯލް، އަދި ދުޅަހެޔޮ ގަސްގަހާގެހީގެ ބާވަތްތައް ފަދަ މަޝްރޫޢުތައް ވަނީ ތަޢާރަފުކުރެވިފައި“ ރަމީލާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ މުސްތަޤްބަލަށް ސައިންސްގެ އަލީގައި ބަދަލުގެނެވޭނެ ޙައްލުތައް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ފުޑް ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓްއިން އަދާކުރަނީ މުހިންމު ދައުރުގެ ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސައިންސްގެ އަލީގައި ހޯދާ ހޯދުންތައް މެދުވެރިކޮށް ރާއްޖެފަދަ ޤައުމުތަކަށް ސައިންސްގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ސިޔާސަތުތަކުގެ ވަސީލަތްތަކާއި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެއިންސްޓިޓިއުޓްއިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.



