ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވާލައިފައެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ބީލަމުގެ އުސޫލުން ދޫކުރާ މި 8 ބިމުގެ ތެރޭގައި ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިމެއް ހިމެނޭނެއެވެ.
ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެއް ކަމަށާއި ބީޗް ސައިޑުން ދޫކުރަން ކަނޑައަޅާފައި ވަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
މި ބިންތަކަށް އެދި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެކަން ހާމަކޮށް އެޗްޑީސީން ބުނެފައި ވަނީ ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާން ޖެހޭނެ ކަމަށެވެ.
ބީޗް ފްރަންޓުން ދޫކުރާ 2 ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ އަދި ބީޗް ސައިޑުން ދޫކުރާ 6 ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބެލޭނެކަން ފާހަގަކޮށް އެޗްޑީސީން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް އެދިފައެވެ.



