ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިޢުމަތެއް ކަމަށާއި އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަޤުވާމީ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ފަގީރު ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވެ، ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ޙާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކުރީން ދިވެހީންގެ ތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ހަކުރުބަލީގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ކަމަށެވެ.
މީގެއިތުރުން، ދިރިއުޅުމުގެ އާދަތައް އިޞްލާޙުކުރުމުން އެ ބަލީގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށާއި ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުގެ ސަބަބުން ބަލި ޖެހުމާއި ބަލީގެ ގެއްލުން ބޮޑުވުން ބިނާވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ފަގީރު ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އޮތްއިރު ދިވެހީންނަކީ ހަރަކާތްތެރިކަން ބޮޑު، ކެއުން މަދު އަދި ޞިއްޙަތާ ގުޅޭ ކާނާ ކައިބޮއި އުޅުނު ބައެއް ކަމަށާއި މިހާރު ދިވެހީންގެ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އާދަކާދައިގެ އިތުރުން، ތިޔާގިކަމުގެ ސަބަބުން ކެވޭ މިންވަރުވެސް ތަފާތުވެ އަދި ހަރަކާތްތެރިވެ އުޅޭ ނިސްބަތް ވެސް ތަފާތު ވެފައިވާ ކަމަށެވެ.
މިފަދަ ބަދަލުތަކަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ހަފްލާގައި މެޑަމް ސާޖިދާ ވަނީ ”ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް“ އިފްތިތާޙްކޮށްދެއްވާފައެވެ.
މިއީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީއަށް އަމާޒުކޮށް ސްކްރީން ކުރެވި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ މީހުންގެ ޞިއްޙީ ޙާލަތަށް އަންނަ ބަދަލު ވަޒަންކުރެވޭނެއެވެ.



