ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި މުހިންމު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި އެމަނިކުފާނު ވަނީ، ފަލަސްތީނުގެ ޙައްޤުޤައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށެވެ. ކޮޕް29ގައި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވާއި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ކޮޕް29ގެ ހަވާސާގައި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަޞީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާމެދު ދުނިޔޭގެ ލީޑަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި މި މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މާލީ އަދި ފަންނީ އެހީ ބޭނުންވާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.



